ރާއްޖޭގައި އެހެންދީންތައް އުގަންނައިދޭންޖެހޭ

މީގެ އެތަކެއްހާސް އަހަރުކުރިން ރާއްޖޭގެ ރައްޔިތުން އިސްލާމްވިފަހުން މިއަދާހަމައަށް އައިރުވެސް ރާއްޖޭގައި އެހެންދީންތައް ކިޔަވައިދިނުމެތްނެތެވެ. ދިވެހީންނަށް ހީވެފައި އޮންނަނީ އެހެންދީންތައް ކިޔަވައިދިނުމަކީ ރައްޖޭގެ ގިނަ މީހުން ތަބާވާ އިސްލާމްދީން ނޫން އެހެންދީންތައް ކުރިއަރުވާ އެދީންތަކަށް ވަނުމަށް މީހުންނަށް ގޮވާލެވެނީ ކަމަށެވެ. އެހެންކަމުން އިސްލާމްދީން ފިޔަވާ އެހެންދީނެއްގެ ވާހަކަ ދެއްކުންވެސް ރާއްޖޭގައި 'ހަރާމެވެ.' ރާއްޖެއަށް އަންނަ ފަތުރުވެރިޔަކުވެސް އޮޅިގެންވެސް އެހެންދީނެއްގެ ފޮތެއްހާ މިންވަރުވެސް ރާއްޖެއަށް އެތެރެނުކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ދަރިވަރުން މަތީ ސާނަވީ ނިންމާ ޔުނިވަރސިޓީއަށް ދާއިރުވެސް އެހެންދީންތަކާއިބެހޭ ގޮތުން އެމީހުން ރޮލެއް ނުފިލައެވެ. ގްރޭޑް 1 އިން ފަށައިގެން 12 ހަމަޔަށް އިސްލާމިކް ސްޓަޑީޒް ގަޑީގައި ހަގުރާމަތަކާއި އިސްލާމުދީނުގެ އަދުއްވުންގެ ވާހަކަ ތަފްސީލްކޮށް ކިޔަވައިދޭއިރު އެހެންދީތަކުގެ ވާހަކަ ދެއްކުމެއްނެތެވެ. ކްރިސްޓިއަނުން ޖީސަސް ކިޔަނީ އީސާގެ ފާނަށްކަންވެސް ގިނަ ދަރިވަރުންނަށް ނޭގެއެވެ. ނުވެސް ބުނެދޭއެވެ.

"އަޅުގަނޑަކަށް ނޭގޭ ޝީއީން މީއުޅޭ ބައެއްކަމެއްވެސް، މިތަނަށް ކިޔަވަން އައިސްގެން އެމީހުން އަޅުކަންކުރާތަން ފެނުނީމަ އެމީހުން ކުރާގޮތްތަފާތުކަން އެގުނީވެސް"، މީގެ ދުވަސްތަކެއް ކުރިން މެދުއިރުމަތީގެ ޤައުމެއްގައި ތައުލީމް ހާސިލްކުރަމުންދާ ތުއްތުގެ ދިވެހި ރައްކެއްސަކު ބުންޏެވެ.

ރާއްޖޭގައި އެހެންދީންތައް ކިޔަވައި ނުދިނުމަށް އެބުނާ ދަންނަބޭކަލުން ދައްކަވާ އެއް ވާހަކައަކީ އިސްލާމްދީނަކީ އެންމެ ހެޔޮ އަދި ޚައްޤުގެ ދީންކަމާއި އެދީން ފިޔަވައިއެހެން ދީންތަކަކީ މީހުން އަމިއްލަޔަށް ހަދައިގެން އުޅޭ ދީންތަކެއްކަމަށެވެ. އެދި މަތް ﷲ ބާވާލެއްވި ފޮތް އެމީހުން ބަދަލުކޮށްފައިވާ ވާހަކައެވެ. އެއީ ތެދަކަށްވެދާނެއެވެ. އެހެންނަމަވެސް ބައިބަލްގައިހުރި ދޮގު ވާހަކަތައް އިނގޭނީވެސް އެފޮތް ކިޔައި ދިރާސާ ކޮށްގެންނޫންތޯއެވެ. އެފޮތުފައިވާ ވާހަކަތަކާއި ޤުރުއާނުގައިވާ ވާހަކަތަކާއި އަޅާކިޔައިގެން ނޫންތޯއެވެ. އެހެންނަމަވެސް ބައިބަލްގައި އައިވެސްލުން މަނާކޮށްފަ ހަމައެކަނި ޤުރުއާން ދަސްކޮށްގެން އިސްލާމްދީނަކީ އެންމެ ތެދުމަގުކަން ޤަބޫލްކުރަންޖެހޭނީ މައިންބަފައިން އެދީނަށް އުޅޭތީ ނުވަތަ މުދައްރިސް ބުނުއްވީތީއެވެ. ނަތީޖާއެއްގެ ގޮތުން އިސްލާމްދީންނަށް އަޅުގަނޑުމެންނަށް މިއުޅެވެނީ 'އަމާ ބުނީތީ ފަރަށްދާ އުސޫލުން ނެވެ.'

އެހެންކަމުން ރާއްޖޭގައި ދަރިވަރުންނަށް ކިޔަވައިދޭންވީކީ ހަމައެކަނި އިސްލާމިކް ސްޓަޑީޒް އެއްނޫނެވެ. ރިލިޖިއަސް ސްޓަޑީޒްގެ ނަމުގައި މާއްދާއެއް އުފައްދާ އެހެންދީންތައްވެސް ރާއްޖޭގެ ދަރިވަރުންނަށް އޮޅުން ފިލުވައިދޭންވީއެވެ. އެހެންދީންތަކުގެ ހުރި ހަމަނުޖެހޭ ކަންތައްތަކާއި އެމީހުންގެ ޤަބޫލްކުރުންތަކާއި އިސްލްދީނުގެ ޤަބޫލްކުރުންތަކާއި ވިސްނުންތަކާއި އަޅާކިޔުމުގެ ފުރުސަތުދީ ރަނގަޅީ ކޯޗެއްކަން ދަރިވަރުންނަށް ވިސްނޭވަރަށް އެހެންދީތަކުގެ ފަލްސަފާވެސް ދަސްކޮށްދޭންވީއެވެ. މިއީ ރާއްޖޭގެ ރައްޔިތުންނަކީ މައިބަފައިންގެ ސަބަބުން ނުވަތަ ޓީޗަރު ބުނުއްވީތީ އިސްލާމްދީނަށް އުޅޭ ބަޔަކަށްނުވެ ހަޤީޤަތުގައިވެސް އިސްލާމްދީން އެގި ތިބެ އެއަށް ތަބާވާ ބަޔަކަށް ވުމަށްޓަކާއި މުހިއްމުކަމެކެވެ